ވީއައިއޭގެ ކާގޯ އޮޕަރޭޝަނަށް ބޮޑު ކުރިއެރުމެއް: މިދިޔަ އަހަރު 89،000 ޓަނުގެ މުދާ އުފުލައިފި

ވީއައިއޭގެ ކާގޯ އޮޕަރޭޝަނަށް ބޮޑު ކުރިއެރުމެއް: މިދިޔަ އަހަރު 89،000 ޓަނުގެ މުދާ އުފުލައިފި

Author
އައިޝަތު އަޙްމަދު
26 ޖެނުއަރީ 2026 09:53
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ކާގޯ ޚިދުމަތް ފުޅާވެ، ނިމިދިޔަ އަހަރު އެ އެއާޕޯޓު މެދުވެރިކޮށް އުފުލި މުދަލުގެ މިންވަރު 89،000 ޓަނަށްވުރެ މައްޗަށް އަރައިފިއެވެ. ވީއައިއޭ އިން މިއަދު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޖުމްލަ 89،163 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ. މިއީ އޭގެ ކުރީ އަހަރު ކަމަށްވާ 2024 ވަނަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ތަފާސްހިސާބުތަކުގެ ތަފްސީލަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި (އިމްޕޯޓް) މުދަލުގެ މިންވަރަކީ 66،840 ޓަނެވެ. އަދި ރާއްޖެއިން ބޭރުކުރި (އެކްސްޕޯޓް) މުދަލުގެ މިންވަރަކީ 22،323 ޓަނެވެ. ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ ޓްރާންޝިޕްމަންޓް ކާގޯ ނުވަތަ އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކޮށްގެން ގެންދިޔަ މުދަލުގެ ނިސްބަތް އިތުރުވެފައިވުމެވެ. އެގޮތުން ޓްރާންޝިޕްމަންޓްގެ ގޮތުގައި ޖުމްލަ 16،372 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ ތެރޭގައި ކަނޑުމަގުން ގެނެސް ވައިގެ މަގުން ފޮނުވާލި (ސީ-ޓު-އެއާ) 3،192 ޓަނުގެ ކާގޯއާއި، ވައިގެ މަގުން ގެނެސް ވައިގެ މަގުން ފޮނުވާލި (އެއާ-ޓު-އެއާ) 13،180 ޓަނުގެ ކާގޯ ހިމެނެއެވެ.

ކާގޯ އުފުލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެއާލައިންތަކަށް ބަލާއިރު، މިދިޔަ އަހަރު ޚާއްސަ ކާގޯ ފްލައިޓްތަކުގެ ގޮތުގައި 7 އެއާލައިނަކުން ވަނީ ވީއައިއޭއަށް ދަތުރުކޮށްފައެވެ. މި އެއާލައިންތަކުން ކުރި 524 ދަތުރުގައި 4،300 ޓަނަށްވުރެ ގިނަ މުދާ ވަނީ ރާއްޖެ ގެނެސްފައެވެ. ވީއައިއޭއަށް އޮޕަރޭޓްކުރި މައިގަނޑު ކާގޯ އެއާލައިންތަކުގެ ތެރޭގައި ޤަތަރު ކާގޯ، އެމްއެންޖީ އެއާލައިންސް، ނެޝަނަލް އެއާލައިންސް، އެފްކޮމް، ފްލައިވާޔު، އެމްޖެޓްސް އަދި އެއާ މާސްޓާ ހިމެނެއެވެ. މި އަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ވީއައިއޭގެ ކާގޯ އޮޕަރޭޝަންތައް އަހަރަކަށްވުރެ އަހަރެއް ހަރުދަނާވަމުން އަންނަ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.