ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލައި، ދެކުނު އޭޝިއާގެ ރަސްކަން ހޯދައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލައި، ދެކުނު އޭޝިއާގެ ރަސްކަން ހޯދައިފި

Author
ހުސައިން
26 ޖެނުއަރީ 2026 05:57
0

ދެކުނު އޭޝިއާގެ ފުޓްސަލްގެ ރަސްގެފާނުންގެ ގޮތުގައި ދިވެހިރާއްޖެއިން ތާރީޚީ ކާމިޔާބީއެއް ހޯދައި، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލީ، މުބާރާތުގެ ފަހު މެޗަށްފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ރާއްޖެއިން ސަރަހައްދުގެ ފުޓްސަލް ރަސްކަމުގެ ތަހުތަށް އިސްވެފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 1-6 އިންނެވެ. އޭގެ ފަހުން 0-5 އިން އިންޑިއާ ބަލިކޮށް، ޖެހިގެން އައި މެޗުގައި ނޭޕާލްގެ މައްޗަށް 1-2 އިން ވަނީ ކުރިހޯދާފައެވެ. ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ފަސްވަނަ މެޗުގައި ބޫޓާން އަތުން 1-4 އިން މޮޅުވެގެންނެވެ. އަދި ފަހު މެޗުގައި ސްރީލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 2-5 ގެ ނަތީޖާއަކުންނެވެ.

ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތީ ކުޅުނު 6 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކީ ރާއްޖެ ކަމަށްވާއިރު، ބައިކޮޅަށް އެންމެ މަދުން ލަނޑު ވަން ޓީމަކީވެސް ރާއްޖެއެވެ. މުޅި މުބާރާތުގައި ރާއްޖެ ކޮޅަށް ވަދެފައިވަނީ އެންމެ 6 ލަނޑެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިމްރާނެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 9 ލަނޑު ޖަހާފައެވެ.

މިއީ ސާފް އިން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާއިރު، މި ލިބުނު ރަން ކާމިޔާބީއާއެކު ދިވެހިރާއްޖެއިން މިވަނީ ސަރަހައްދީ ފުޓްސަލްގެ ތާރީޚުގައި ރަން އަކުރުން ނަން ފަވާލައި، ސަރަހައްދުގެ ފުޓްސަލް ރަސްކަން ކަށަވަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.