"އަދަދު" ނޫހުގެ 'ސިޔާސީ ކާޓޫން' ސިލްސިލާގެ ދަށުން މި މަހުގެ 22 ވަނަ ދުވަހު ޝާއިއުކުރި ކުރެހުމެއްގައި، އިސްލާމްދީނުގެ ރުކުންތަކާ ފުށުއަރާ ފަދަ މަންޒަރުތަކެއް ހުރިކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަމުންދާތީ އެ ކާޓޫން ނެގުމަށާއި ދައުރު ނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ނޫހަށް އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ވަނީ ނޫހުގެ އެޑިޓަރު ޙުސައިން ފިޔާޒަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަމާދުގެ މަތިވެރި ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތާ ގުޅުވައި، ދީނީ އަސާސްތަކަށް އުނިކަން އަންނަ ގޮތަށް ސިފަކޮށްފައިވާ ކަމަށް ބެލެވޭތީ، މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ސެގްމަންޓް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މިހާރު ޝާއިއުކޮށްފައިވާ ޕޯސްޓް ވަގުތުން ނެގުމަށާއި، ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، މިއީ ނަގަން އަންގާފައިވާ ކޮންޓެންޓެއް ކަމަށްވާތީ، އާންމު ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި މި ކުރެހުން ދައުރު ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެމުން "އަދަދު" ނޫހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކާޓޫނުން ދައްކުވައިދެނީ ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ވައްކަން ކުރާ މަންޒަރު ކަމަށެވެ. މިއީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ނޫން ކަމަށާއި، މިއީ ރާއްޖޭގައި ވައްކަމުގެ މައްސަލަ ބޮޑުވެ، މިސްކިތްތަކުން ވައްކަން ކުރުން ފަދަ ހިތާމަވެރި އަމަލުތައް ހިނގަމުންދާކަން ހާމަކޮށްދިނުމަށް ގެނެސްދީފައިވާ އިޖުތިމާއީ މެސެޖެއް ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ