ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތަށް

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތަށް

Author
ޙަސަން މުޙައްމަދު
25 ޖެނުއަރީ 2026 09:33
0

މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި އަލަށް ބަހައްޓާ 5000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތް ނިންމައި އަންނަ މަހު ޚިދުމަތް ދޭން ފެށޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެމެހެއްޓުން ކަމަށެވެ. ފެން އުފެއްދުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން މަތީން ވިދާޅުވީ، ފާއިތުވި އަހަރުގެ ތެރޭގައިވެސް 5000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއްގެ މަސައްކަތް ނިންމައި މިހާރު ބޭނުންކުރަމުންދާ ކަމަށާއި، ހުޅުމާލޭގައި މިހާރު ކުރިއަށްދާ އިތުރު 5000 ޓަނުގެ ނިޒާމުގެ މަސައްކަތްވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މި އައު ނިޒާމު ވުޖޫދަށް އައުމާއެކު، ފެން އުފެއްދުމުގެ ޤާބިލުކަމަށް ޖުމްލަ 10،000 ޓަނުގެ އިތުރުވުމެއް އަންނާނެކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ. މިއީ މާލެ ސަރަހައްދުގައި އަލަށް ހުޅުވޭ ފްލެޓްތަކާއި ސްކޫލްތަކުގެ ސަބަބުންނާއި، އަދި ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފެނުގެ ޑިމާންޑް އިތުރުވި ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.