ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި، ބާކީ އެއް މެޗު އޮއްވައި ދިވެހިރާއްޖެއިން މިއަދު ކަށަވަރުކޮށްފިއެވެ. ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި މިހާތަނަށް ރާއްޖެއިން ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ޖުމްލަ 15 ޕޮއިންޓް ވަނީ ހަމަކޮށްފައެވެ. ސާފް ސަރަހައްދުގެ ހަތް ގައުމު ވާދަކުރާ މި މުބާރާތުގައި ބާކީ މެޗުތައް ކުޅެގެންވެސް ދެން އެހެން އެއްވެސް ޓީމަކަށް ރާއްޖެއާ ހަމައަށް ޕޮއިންޓްގެ ގޮތުން ވާސިލްވުމުގެ ފުރުސަތެއް ނެތެވެ. ސާކް ސަރަހައްދުގައި ފުޓްސަލްގެ ފެންވަރު ރަނގަޅު ކޯޓެއް ނެތުމުގެ ސަބަބުން ތައިލެންޑުގައި ބާއްވާ މި މުބާރާތުގައި ރާއްޖެއިން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕޮއިންޓްގެ އިތުރުން ފައިދާ ލަނޑަށް ބެލިކަމުގައި ވިޔަސް ރާއްޖެ އޮތީ ބޮޑު ތަފާތަކުން ކުރީގައެވެ. ރާއްޖޭގެ ޓީމަށް ފައިދާ 19 ލަނޑު އެބައޮތެވެ.
މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާނުންނެވެ. ނަމަވެސް ތާވަލްގެ ފުލުގައި އޮތް ބޫޓާނަށް އެ ނަތީޖާ ދަމަހައްޓައިލެވޭނެ ފުރުސަތެއް ރާއްޖޭގެ ކުޅުންތެރިން ނުދިނެވެ. ރާއްޖޭގެ ޓީމުން މެޗުގެ ނަތީޖާ އަނބުރާލީ ކެޕްޓަން މުހައްމަދު އިމްރާން އާއި އަބްދުﷲ ޖުނައިދު އަދި އަހުމަދު ހަމީދު ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. މެޗުގެ ބޮޑުބައިގައި ބޫޓާނުގެ ގޯލަށް ނުރައްކާކޮށް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިއީ ސާފްގެ ތާރީޚުގައިވެސް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާއިރު، މި ކާމިޔާބީ ވެގެންދާނީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ލިޔެވިގެންދާނެ ރަން ސަފްހާއަކަށެވެ. މި މުބާރާތުގައި މިހާތަނަށް ރާއްޖެ ބަލިކުރެވޭނެ ފެންވަރުގެ ޓީމެއް ފެނިފައިނުވާއިރު، މި ކާމިޔާބީއާއެކު ރާއްޖެއިން މިވަނީ ރަސްމީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމަކީ ދިވެހިރާއްޖެކަން ސާބިތުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ