ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ތިން ހަފްތާގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މި މުއްދަތުގައި ޖުމްލަ 149،447 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 139،682 ފަތުރުވެރިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަޤްބޫލީ ރިސޯޓުތައްކަން ހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ބޮޑު އިންސައްތައެއް، އެއީ 69 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރުމަށް ޚިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އަދަދުން ބަލާނަމަ އެއީ 103،067 ފަތުރުވެރިންނެވެ. ރިސޯޓުތަކަށްފަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން 39،003 ފަތުރުވެރިން ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވާއިރު، ހޮޓެލްތަކަށް 4،109 ފަތުރުވެރިން އަދި ސަފާރީތަކަށް 3،119 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ދުވެލި ހުރިގޮތަށް ބަލާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،117 ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މާކެޓްތަކަށް ބަލާލާއިރު، މި ލިސްޓުގެ ކުރި ލިބިފައިވަނީ ރަޝިއާއަށެވެ. އެ ޤައުމުން 21،798 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 16،264 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި 13،147 ފަތުރުވެރިންނާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
މި އަހަރުގެ ފެށުން ރަނގަޅުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް އޮތީ މި އަމާޒަށް ވާސިލުވުމަށް މަގުފަހިވާ މިސްރާބެއްގައެވެ.
ކޮމެންޓު ފޮނުވާ