އަމާން ދޯނި ޓަވަރުގައި ރޯވެ ފެން ހޮޅިތަކަށް ގެއްލުންވުމުން، ބައެއް ތަންތަނުގައި ފެން ބޭނުން ނުކުރަން އަންގައިފި

އަމާން ދޯނި ޓަވަރުގައި ރޯވެ ފެން ހޮޅިތަކަށް ގެއްލުންވުމުން، ބައެއް ތަންތަނުގައި ފެން ބޭނުން ނުކުރަން އަންގައިފި

Author
އަހުމަދު
23 ޖެނުއަރީ 2026 10:01
0

މިފަހުން އިމާރާތްކޮށް މީހުން ދިރިއުޅެން ފަށާފައިވާ އަމާން ދޯނި ޓަވަރު 1 ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގެ ބައެއް ފްލެޓުތަކުގެ ފެން ހޮޅިތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން އެ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޑީސީން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަލިފާނުގެ ސަބަބުން އިމާރާތުގެ ފެން ހޮޅިތަކަށް ގެއްލުން ލިބިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފެން ބޭނުންކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. އެގޮތުން، ކޮންމެ ފަންގިފިލާއެއްގެ ވެސް 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި، އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖްގެ ޚިދުމަތް ބޭނުން ނުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.

އެފްޑީސީން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ޓަވަރުގެ ގްރައުންޑް ފްލޯގައި އުކާލާފައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ. އަދި މިކަން ހިނގަން މެދުވެރިވި ސީދާ ސަބަބު އިތުރަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފަރާތުން ބުނެއެވެ. އަލިފާނުގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުންތައް ބަލައި، ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް އެ ކޯޕަރޭޝަނުން މިހާރު ވަނީ ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން އެފްޑީސީން ވަނީ ކުނި އުކާލުމުގެ އުސޫލުތަކަށް ސަމާލުވުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އެގޮތުން ކުނި އުކާލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުތައް ފިޔަވައި، އިމާރާތުގެ އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ ކަންކަމުން ދުރުހެލިވުމަށް އެ މެސެޖުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.