ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުން އައިސް، ނިމިދިޔަ އަހަރު އެ އެއާޕޯޓުން ޖުމްލަ 8.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފިއެވެ. ވީއައިއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ އޭގެ ކުރީ އަހަރު ކަމަށްވާ 2024 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އެއާޕޯޓުގެ ޓާމިނަލްތަކުން ޚިދުމަތް ހޯދި މީހުންގެ ތަފްސީލަށް ބަލާއިރު، އެންމެ ބާރުބޮޑުވެފައިވަނީ އިންޓަނޭޝަނަލް ޓާމިނަލަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި 5.3 މިލިއަން މީހުންނަށް މިދިޔަ އަހަރު ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު ދައުރެއް އަދާކުރާ ސީޕްލޭން ޓާމިނަލުން 1.7 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، އެތެރޭގެ އުދުހުންތަކަށް ޚާއްސަ ޑޮމެސްޓިކް ޓާމިނަލް މެދުވެރިކޮށް 1.1 މިލިއަން މީހުން ވަނީ ދަތުރުކޮށްފައެވެ.
ފަސިންޖަރުންގެ އަދަދުގެ އިތުރުން، އެއާޕޯޓަށް ޖައްސާ އަދި ފުރާ ބޯޓުތަކުގެ އަދަދު ނުވަތަ އެއާ ޓްރެފިކް މޫވްމަންޓްސްއަށް ބަލާއިރުވެސް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން 2024 ވަނަ އަހަރާ އަޅާކިޔާއިރު ވައިގެ ދަތުރުތަކުގެ ހަރަކާތްތައް ވަނީ 8 އިންސައްތަ އިތުރުވެ، ޖުމްލަ 249،214 މޫވްމަންޓް މިދިޔަ އަހަރު ވަނީ ރެކޯޑްކުރެވިފައެވެ.
މި ދަތުރުތަކުގެ ތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ 34،868 މޫވްމަންޓާއި، ޑޮމެސްޓިކް 28،348 މޫވްމަންޓެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ވީއައިއޭގައި މިދިޔަ އަހަރު އެންމެ ގިނައިން ރެކޯޑްކުރެވިފައިވަނީ ސީޕްލޭން ދަތުރުތަކެވެ. އެއީ 185،998 މޫވްމަންޓެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުގެ ނިޒާމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވަމުންދާ މިންވަރެވެ.
ކޮމެންޓު ފޮނުވާ