ޑިޖިޓަލް އިންޤިލާބަކާއެކު ތަޢުލީމީ ދާއިރާގެ އައު މާސްޓަރ ޕްލޭން މި ކުއާޓަރުގައި ނެރެނީ

ޑިޖިޓަލް އިންޤިލާބަކާއެކު ތަޢުލީމީ ދާއިރާގެ އައު މާސްޓަރ ޕްލޭން މި ކުއާޓަރުގައި ނެރެނީ

Author
އަހުމަދު
22 ޖެނުއަރީ 2026 10:18
0

ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމައެއްގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންކުރުމަށް އެކުލަވާލާފައިވާ "އެޑިޔުކޭޝަން މާސްޓަރ ޕްލޭން"، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިފްތިތާޙްކުރައްވާނެކަން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހާމަކުރައްވައިފިއެވެ. ސަރުކާރުން ގެންގުޅުއްވާ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ވުޒާރާއިން ވަނީ މި ޕްލޭން އެކުލަވާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ޕްލޭނަކީ ތަޢުލީމީ ދާއިރާ ޒަމާނީކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އަމާޒުތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ލިޔުމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މާސްޓަރ ޕްލޭންގެ އެންމެ މުހިންމު އެއް ތަނބަކީ މުދައްރިސުން ބިނާކުރުމެވެ. ޚާއްޞަކޮށް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، "ޑިޖިޓަލް ކޮމްޕިޓެންސީ" ހުރި މުދައްރިސުން އުފެއްދުމަށް މި ޕްލޭންގައި ބޮޑު އިސްކަމެއް ދީފައިވާނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުވުމަކީ، އޭގެ ހެޔޮ އަސަރު ސީދާ ގޮތެއްގައި ދަރިވަރުންގެ ކިޔެވުމަށާއި، ދިގު މުއްދަތެއްގައި މުޅި މުޖުތަމަޢަށް ކުރާނެ ކަމެކެވެ. އެހެންކަމުން މުދައްރިސުންގެ ދުޅަހެޔޮކަމާއި ތަމްރީނުތަކަށް ވުޒާރާއިން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މީގެ އިތުރުން، ކިޔަވައިދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާނެ އުކުޅުތައް މުދައްރިސުންނަށް ދަސްކޮށްދިނުމާއި، ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ގުޅިގެން ފަންނީ އެހީތެރިކަން ހޯދުމަކީވެސް މި މަސައްކަތުގެ މުހިންމު ބައިތަކެކެވެ. މި އަހަރުގެ ތެރޭގައި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމު ފޯރުކޮށްދިނުމުގެ އައު އުސްމިންތަކަކަށް ވާސިލުވުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.