ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ލިބިފައިވާ އިސްތިރާޖީ ފައިދާގެ ބޭނުންހިފައި، ރީ-އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތްކަމަށް ތަޖުރިބާކާރުން އަބަދުވެސް ބުނަމުންދެއެވެ. ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންވަރު ރަނގަޅު އާ ޓާމިނަލެއް ހުޅުވި، މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ "އޭވަން ފިއުލް" ރައްކާކުރުމުގެ ގާބިލުކަން އިތުރުކޮށްފައިވުމާއެކު، ޖެޓް ފިއުލް ވިއްކާ މިންވަރު އިތުރުކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ފަހުގެ ތަފާސްހިސާބުތަކުން ފެންނަމުންދަނީ ތަޖުރިބާކާރުންގެ މި އަންދާޒާތަކާ ދިމާ އިދިކޮޅު މަންޒަރެކެވެ. ރާއްޖޭގެ ރީ-އެކްސްޕޯޓް ވިޔަފާރީގެ މައިބަދަ ކަމުގައިވާ ޖެޓް ފިއުލް ވިއްކޭ މިންވަރު ދަނީ ދަށްވަމުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ގެ ހީނަރުކަމަށްފަހު މި ވިޔަފާރި ވަނީ ހަލުވިމިނެއްގައި ކުރިއަރާފައެވެ. އެގޮތުން 2019 ވަނަ އަހަރު 202.6 މިލިއަން ޑޮލަރުގައި ހުރި ރީ-އެކްސްޕޯޓް ވިޔަފާރި، 2020 ވަނަ އަހަރު 105.8 މިލިއަން ޑޮލަރަށް ވެއްޓުނު ނަމަވެސް، 2021 އިން 2023 އަށް އަހަރުން އަހަރަށް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ނިމުނުއިރު 242.0 މިލިއަން ޑޮލަރަށް އަރާފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެ 301.8 މިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ބޭރުގެ އެއާލައިންތަކަށް ވިއްކާ ޖެޓް ފިއުލްއެވެ. އެގޮތުން ހަމައެކަނި 2024 ވަނަ އަހަރުވެސް ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން 214.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
އެހެންނަމަވެސް، އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ކުރިއެރުން މިހާރު ވަނީ މަޑުޖެހި، ދަށަށްދާން ފަށާފައެވެ. ޚާއްސަކޮށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބަލާއިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ޖެޓް ފިއުލްގެ ރީ-އެކްސްޕޯޓް ވަނީ 11.3 އިންސައްތަ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 15 މިލިއަން ޑޮލަރުގެ ތެޔޮ ވިއްކުނުއިރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވިއްކިފައިވަނީ އެންމެ 11.1 މިލިއަން ޑޮލަރުގެ ތެލެވެ. މިއީ މި ވިޔަފާރީގެ މުގޫ ދިވެހިންގެ އަތުން ދޫވަމުންދާކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ.
މި ވިޔަފާރި ދަށްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސީޒަނަށް އަންނަ ބަދަލުތައް ހިމެނެއެވެ. ޖެޓް ފިއުލް ރީ-އެކްސްޕޯޓަކީ ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތަކަށް ބަރޯސާވެފައިވާ ވިޔަފާރިއަކަށްވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް-ސީޒަން (މޭ، ޖޫން، ޖުލައި) ގައި ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމަކީ ތެޔޮ ވިއްކޭ މިންވަރު ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. މިއަހަރުގެ އެކި މަސްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، މަހުން މަހަށް މި އަދަދުތައް އުފުުލި ދަށްވަމުން ގޮސް، އަހަރުގެ ފަހުކޮޅު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ.
ކޮމެންޓު ފޮނުވާ