ކޮވިޑުގެ ތެރޭގައި ޕީސީއާރު ހެދި ކުންފުނިތަކުން 20 މިލިއަން ރުފިޔާގެ ޓެކްސް އޮޅުވާލި މައްސަލައިގައި ޑރ. އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ދަޢުވާކުރަނީ

ކޮވިޑުގެ ތެރޭގައި ޕީސީއާރު ހެދި ކުންފުނިތަކުން 20 މިލިއަން ރުފިޔާގެ ޓެކްސް އޮޅުވާލި މައްސަލައިގައި ޑރ. އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ދަޢުވާކުރަނީ

Author
ޙަސަން މުޙައްމަދު
21 ޖެނުއަރީ 2026 09:07
0

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓު ހެދުމުގެ ޚިދުމަތް ދިން އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ ތެރެއިން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮޅުވާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި މަޝްހޫރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަޙުޤީޤުކޮށް ޕީޖީ އޮފީހަށް ފޮނުވި މި މައްސަލައިގައިވާ ގޮތުން، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މި ދެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ވަނީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމަނައި އޮޅުވާލާފައެވެ. ކުންފުނިތަކުގެ އަސްލު އާމްދަނީއާއި ހުށަހަޅާފައިވާ ހިސާބުތަކާ އަޅާކިޔައި މީރާއިން ބެލިބެލުމުން، މި މުއްދަތުގެ ތެރޭގައި 20،200،401 (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް) ރުފިޔާގެ ޓެކްސް ދެއްކުމުން މި ކުންފުނިތައް ޤަޞްދުގައި އެއްކިބާވެފައިވާކަން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އައިލެންޑް ހެލްތް ސޮލިއުޝަންސްއާއި ޕައިނިއަރ މޯލްޑިވްސްގެ މެޖޯރިޓީ ޙިއްޞާދާރު ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފާއި، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ހިއްސާދާރެއް ކަމުގައިވާ މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ އިތުރުން އެ ކުންފުނިތަކުގެ ޓެކްސް ބަޔާންތައް ތައްޔާރުކޮށް ހުށަހެޅުމުގެ ޒިންމާ އުފުލި އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއެވެ. ޕީޖީ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ވަކިވަކި ފަރުދުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުންފުނިތައް ހިންގުމުގައާއި މަކަރު ހެދުމުގައި އެމީހުން އަދާކޮށްފައިވާ ދައުރަށް ބަލައިގެންނެވެ.

މިގޮތުން 20 ޖަނަވަރީ 2026 ގައި ކޯޓަށް ފޮނުވި މި މައްސަލައިގައި، ޑރ. އިކްލީލް ޝަރީފާއި ޢަލީ ފަޔާޟްގެ މައްޗަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދަޢުވާ އުފުލާފައިވާއިރު، ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް މިފަދަ 3 ދަޢުވާއެއް ވަނީ އުފުލާފައެވެ. މީގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުގެ ދަޢުވާގެ އިތުރުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދަޢުވާވެސް ވަނީ ކޮށްފައެވެ.

ދަޢުލަތުން މި މައްސަލައިގައި އެދިފައިވަނީ ކުށް ސާބިތުވާ ޙާލަތުގައި އެ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށެވެ. އަދި ޚާއްޞަ ގޮތެއްގައި، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނަ ކަމަށްވާ 40،400،802 (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅައިދެއްވުމަށްވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.