ކޯވިޑް- 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޭ "އިންކަމް ސަޕޯޓް އެލަވަންސް"ގެ މިދިޔަ މަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޮބް ސެންޓަރުން ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
"އިންކަމް ސަޕޯޓް އެލަވެންސް" ލިބޭނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19ގެ ސަބަބުން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

ކޯވިޑްގެ ލޮކްޑައުނަށްފަހު އަނބުރާ ވަޒީފާއަށް ނިކުންނަ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާއިރު، ޑިސެމްބަރުމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދޭ ފަރާތްތައް މަދުވާނެކަމަށް ޖޮބް ސެންޓަރުން ލަފާކުރެއެވެ.
އެލަވަންސް ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާ އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް، އެ ލިބޭ މުސާރައިގެ އަދަދު 5،000 ރުފިޔާއިން އުނިކުރުމުން ޖެހޭ އަދަދު އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި 221.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ