ސައޫދީ ޝޫރާ ކައުންސިލްގެ ދަޢުވަތަކަށް، މަޖިލިސް ރައީސް ޢަބްދުއްރަޙީމް ފުރާވަޑައިގެންފި

ސައޫދީ ޝޫރާ ކައުންސިލްގެ ދަޢުވަތަކަށް، މަޖިލިސް ރައީސް ޢަބްދުއްރަޙީމް ފުރާވަޑައިގެންފި

Author
ޙަސަން މުޙައްމަދު
19 ޖެނުއަރީ 2026 11:29
0

ސައޫދީ އަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ޝޫރާ ކައުންސިލްގެ ރައީސްގެ ޚާއްޞަ ދަޢުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މުހިންމު ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމްގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒްއެވެ.

މެންބަރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރީ އިސް ބޭފުޅުން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއާއި، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދާއި، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޒުއްޔިނާ ބަދުރީ ހިމެނިވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުން، ޚާއްޞަކޮށް ޤާނޫނު ހަދާ މަޖިލީހުގެ ފެންވަރުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.