ރާއްޖޭގެ ދެކުނުގައި އުފެއްދި ވަކި ސަރުކާރު، ޔުނައިޓެޑް ސުވައިދީބް ރިޕަބްލިކްގެ ރައީސްކަން ކުރެއްވި އައްޑޫ އަބްދުﷲ އަފީފް ދީދީގެ ހުވަފަތް އަނބިކަނބަލުން އަނީސާ އަލީ ދީދީގެ އާލާސްކަންފުޅު ބޮޑުވެ، ސީޝެލްސްގައި ފަރުވާދޭން ފަށައިފިއެވެ. ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތެއްގައިވާ ގޮތުން، އަނީސާގެ ހާލުކޮޅު ސީރިއަސްވެ މިވަގުތު ފަރުވާ ދެމުން ގެންދަނީ ސީޝެލްސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައެވެ. މި ދަނޑިވަޅުގައި އެކަމަނާއަށް ޝިފާ އެދި ހެޔޮ ދުއާ ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަނީސާގެ ފިރިކަލުން އަބްދުﷲ އަފީފަކީ ދެކުނުގެ އަތޮޅުތަކުގައި "ސުވައިދީބް" ގެ ނަމުގައި ވަކި ދައުލަތެއް އިއުލާނުކުރުމާ ގުޅިގެން ދިވެހި ދައުލަތުން އެޅި ފިޔަވަޅުތަކަށްފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސްއަށް ގެންދެވުނު ބޭފުޅެކެވެ. އޭގެ ފަހުން އެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އެ ގައުމުގައެވެ. ނަމަވެސް އާއިލާގެ ބޭފުޅުން ރާއްޖެއާ ގުޅުން ބާއްވައި، ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވައެވެ.
މި ދެކަނބަލުންގެ ދަރިކަލުން އަހުމަދު އަފީފް ވަނީ ސީޝެލްސްގެ ސިޔާސީ މައިދާނުގައި މަތީ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުގެ ނައިބު ރައީސްކަން އޭނާ ކުރެއްވިއެވެ. އަބްދުﷲ އަފީފް އަވަހާރަވީ ސީޝެލްސްގައި 30 އަހަރު ދިރިއުޅުއްވުމަށްފަހު 1993 ވަނަ އަހަރުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ.
ކޮމެންޓު ފޮނުވާ