ކައުންސިލް އިންތިޚާބު: މާމިގިލި ފިޔަވައި އެހެން ދާއިރާތަކުގައި ސަރުކާރަށް ތާއީދުކުރަން ޖޭޕީން ނިންމައިފި

ކައުންސިލް އިންތިޚާބު: މާމިގިލި ފިޔަވައި އެހެން ދާއިރާތަކުގައި ސަރުކާރަށް ތާއީދުކުރަން ޖޭޕީން ނިންމައިފި

Author
ހުސައިން
19 ޖެނުއަރީ 2026 11:19
1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކެންޑިޑޭޓުން ނެރޭނީ ހަމައެކަނި އދ. މާމިގިލީ ދާއިރާއަށް ކަމަށް އެ ޕާޓީން މިއަދު ކަނޑައަޅައިފިއެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުގައި މާމިގިލި ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ. މިއާއެކު އެހެން ދާއިރާތަކުން ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ޖޭޕީން މަސައްކަތްކޮށްދޭނެއެވެ.

ސިޔާސީ މައިދާނުގެ ފޯރި ގަދަވަމުން އަންނައިރު، ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ވަނީ އެ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބާއްވައި އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަށަވަރުކޮށްފައެވެ. އަދި ދަ ޑިމޮކްރެޓްސްއިން މިހާރު ގެންދަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ދަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށްދާއިރު، މި އިންތިޚާބުގައި 290,000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.