މަޖިލިސް ރައީސްގެ އިންޑިއާ ދަތުރުފުޅު ނިންމަވާލައްވައިފި

މަޖިލިސް ރައީސްގެ އިންޑިއާ ދަތުރުފުޅު ނިންމަވާލައްވައިފި

Author
ހުސެއިން
19 ޖެނުއަރީ 2026 10:45
0

ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި ޕްރިޒައިޑިންގ އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ. މި މަހުގެ 13 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމުގެ މުހިންމު މަޤްސަދެއްގައި ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ހަވާސާގައި މަޖިލިސް ރައީސް ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވަނީ ނިއު ދިއްލީގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގެ އިންތިޒާމުތައް ފުރިހަމަކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ އެއްބާރުލުން ހަރުދަނާކުރުމަށް ލޮކް ސަބާއިން ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ޤާއިމުކޮށްފައިވާ ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން، މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާއިން ހިންގަމުންދާ ތަމްރީން ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މަޖިލިސް ރައީސް ވަނީ އިންޑިއާ ސަރުކާރަށާއި ލޮކް ސަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކާއި، މުވައްޒަފުން ތަމްރީނުކުރުމުގައި އެ ޤައުމުގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި ޕާލިމެންޓަރީ ދާއިރާއިން އިންޑިއާއަށް ލިބިފައިވާ ތަޖުރިބާތައް ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާ އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.