ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ޚާއްސަ ރަށެއް ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، ރަށްރަށުގެ ރައްޔިތުން އާއިލާއާއެކު ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ވަކި ތަނެއް ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ހަމައެއާއެކު، ރަށްރަށުގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި، ފަތުރުވެރިން ގޮވައިގެން ޕިކްނިކް ދާނެ ވަކި ރަށެއް ނެތުމުގެ ޝަކުވާ ވެސް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ އަތޮޅަކުން ރަށެއް ނަގައި، އެ ރަށަކީ އެ އަތޮޅެއްގެ ރައްޔިތުންނާއި ފަތުރުވެރިން ދަތުރުދާން ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމުން، އަތޮޅުގެ އިޖުތިމާއީ ދުޅަހެޔޮކަމުގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް އޭގެ ބޮޑު މަންފާއެއް ކުރާނެ ކަމަށް ސަރުކާރުން ދެކެއެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، މި އަހަރުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ހެދުމުގެ މަސައްކަތް ނިންމާލުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ.
ކޮމެންޓު ފޮނުވާ