އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މެންބަރުންނަށް ހުޅުވާލައިފިއެވެ. ޑިމޮކްރެޓްސްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ އިންޓަރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ގުޅިގެން، އިންތިހާބުގައި މެންބަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރަން ޝައުގުވެރިވާ މެންބަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އެއް ގޮނޑިއަކަށް އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފިނަމަ، ޕާޓީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއް ބާއްވާނެއެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވެސް މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ކެންޑިޑޭސީ ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. ނަމަވެސް އަމިއްލަ ގޮތުން ވާދަކުރާނަމަ، އެ ފަރާތަކަށް ތާއީދު އޮތްކަން ކަށަވަރުކުރުމުގެ ގޮތުން 50 މީހުންގެ ތާއީދު އޮތްކަން ޕޯޓަލް މެދުވެރިކޮށް ޔަގީންކޮށްދޭން ޖެހޭނެއެވެ.
އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން، ކެންޑިޑޭސީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:00 އެވެ. ޕާޓީ ޓިކެޓުގައި ވިޔަސް އަދި އަމިއްލަ ގޮތުން ވިޔަސް، ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ