ކުރިއަށް އޮތް އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކަންކަން އޮބްޒާވުކޮށް މޮނިޓަރ ކުރުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތަކީ ހަމައެކަނި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެކަނި އޮތް ފުރުޞަތެއް ނޫންކަމަށާއި، ބޭރުގެ އެހެނިހެން ފަރާތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ވެސް އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހެޅިދާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މި އިންތިޚާބުތައް އޮބްޒާވްކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުޠެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅާފައިވަނީ ޢުމުރުން 18 އަހަރު ފުރިފައިވުމެވެ. އެހެންކަމުން، ޝަރުޠު ހަމަވާ ބޭރުގެ ކޮންމެ ފަރާތަކަށްވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓު ފޮނުވާ