މާލޭގައި ފެން ރައްކާކުރާ މިންވަރު ދެގުނައަށް އިތުރުކުރުމަށް 26،000 ޓަނުގެ ދެ ތާނގި ބަހައްޓަނީ

މާލޭގައި ފެން ރައްކާކުރާ މިންވަރު ދެގުނައަށް އިތުރުކުރުމަށް 26،000 ޓަނުގެ ދެ ތާނގި ބަހައްޓަނީ

Author
ހުސެއިން
18 ޖެނުއަރީ 2026 12:58
0

މާލޭގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއްގެ ދަށުން، 13،000 ޓަނުގެ ދެ ތާނގި ބެހެއްޓުމުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ބަހައްޓާ ދެ ތާނގީއާއެކު މާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރު 26،000 ޓަނަށް އިތުރުވެގެންދާނެއެވެ. މަތީން ފާހަގަކުރެއްވި ގޮތުގައި މިއީ މިވަގުތު މާލޭގައި ހުރި ފެން ރައްކާކުރުމުގެ ކެޕޭސިޓީއާ އެއްވަރުގެ އަދަދަކަށްވުމުން، މި މަޝްރޫޢު ނިމުމުން މާލޭގެ ސްޓޯރޭޖް ކެޕޭސިޓީ ދެގުނައަށް އިތުރުވެގެންދާނެއެވެ. މިކަމަށް ބޭނުންވާ ސާމާނު އެމެރިކާއިން ގެނެސް ސައިޓަށް ޖަމާކޮށްފައިވާއިރު، ތަކެތީގެ ކޮލިޓީ ހިފެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި ތާނގިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރިން ކުނިގޮނޑު ހުރި ސަރަހައްދުގައި ކަމަށްވުމުން، ބިމުގެ ދަތިކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި ޑިޒައިނަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެންނަން ޖެހުނުކަމަށް މަތީން ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު އެކަންކަން ހައްލުކުރެވިފައިވާކަމަށާއި، މިއީ ޚިދުމަތަށް ބުރޫނާރާނެހެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެނުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ހުޅުމާލޭގައިވެސް ވަނީ 10،000 ޓަނުގެ ސްޓޯރޭޖް ނިޒާމެއް ޤާއިމުކޮށް، އެ އަަވަށުގެ ކެޕޭސިޓީ 22،600 ޓަނަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.