މި ދުވަސްވަރު ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިމީހުންނަށް އަވަހަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ޚާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޚިދުމަތް ދޭ މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.
މި ކްލިނިކް ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ. ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ކިއުބީ މެދުވެރިކޮށް ނަންބަރު ނެގުމަށްފަހު، އެންމެ ފުރަތަމަ ދާންޖެހޭނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) ޓްރިއޭޖަށެވެ. ބަލިމީހާ ދާންވީ ފްލޫ ކްލިނިކަށްތޯ ނުވަތަ އީއާރުއަށްތޯ ކަނޑައަޅާނީ ޓްރިއޭޖުން ބެލުމަށްފަހުގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޑިސެންބަރު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 490 އިންސައްތަ އިތުރުވެ، 413 ކޭސް ރިޕޯޓްކޮށްފައެވެ. ނަމަވެސް އަރިދަފުސް ރޯގާގެ ކޭސްތައް ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރު މަހު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ