"އެކްސަސައިޒް ދޯސްތީ"އަކީ ސަރަހައްދީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ހަރަކާތެއް: ޙިލްމީ

"އެކްސަސައިޒް ދޯސްތީ"އަކީ ސަރަހައްދީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ހަރަކާތެއް: ޙިލްމީ

Author
އައިޝަތު އަޙްމަދު
17 ޖެނުއަރީ 2026 08:00
0

ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ "އެކްސަސައިޒް ދޯސްތީ-17″ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަމްރީނުތައް އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، މިއީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ހަރަކާތެއް ކަމަށެވެ.

މީގެ 33 އަހަރު ކުރިން 1991 ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ފެށި މި ތަމްރީނުތައް، 2012 ވަނަ އަހަރު ސްރީލަންކާ ބައިވެރިވުމާއެކު ވަނީ ތިން ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. ޙިލްމީ ފާހަގަކުރެއްވި ގޮތުގައި، މި ތަމްރީނުތަކުގެ ސަބަބުން ކޯސްޓްގާޑުތަކުގެ މެދުގައި އޮތް ފަންނީ އިހުތިރާމާއި އިތުބާރު އިތުރުވެ، ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދެއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި އެކްސަސައިޒްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ކަނޑުމަތީގައި މީހުން ސަލާމަތްކުރުމާއި، ކަނޑު ތަޣައްޔަރުވުން ހުއްޓުވުމާއި އަދި ބޯޑިން އޮޕަރޭޝަންތަކާ ގުޅޭ ތަމްރީނުތަކެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަ ބަދަލުތަކާއެކު، ކަނޑުމަތީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ތިން ގައުމު އެކުގައި ތައްޔާރުވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.