މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގެ ތަޙުޤީގަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި ހައްޔަރާއެކު، އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 8 އަކަށް އަރާފައެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެންމެންވެސް މިވަގުތު ތިބީ ފުލުހުންގެ ބަންދުގައެވެ. މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ މީހުންނަކީ ގއ. ވިލިނގިލި ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި، ތ. ވިލުފުށި އެހީވާގެ، އަޙްމަދު މާޙިދު (44އ) އާއި، ސ. ހިތަދޫ ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ) އާއި، ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި، މާލެ މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ) ގެ އިތުރުން ކ. ގުރައިދޫ އަޅިވިލާގޭ ދެ މީހުން ކަމަށްވާ އިބްރާހީމް އަނޫފް (24އ) އާއި ޙުސައިން ޝަހުދު (30އ) އެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ފަރާތްތަކުގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ފޭރުމުގެ ޢަމަލު ހިންގާފައިވަނީ ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް، ޑޮލަރު ހުރި ސޫޓުކޭސްތަކެއް ފޭރިގަނެގެން ލޯންޗެއްގައި ފިލައިގެންނެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވަނީ އަތުލައިގެންފައެވެ. ނަމަވެސް، ގެއްލުނު ފައިސާއަށް ވީގޮތެއް އަދި ހޯދިފައިނުވާއިރު، ގެއްލުނު ފައިސާގެ ސީދާ ޢަދަދުވެސް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވަގަށް ނެގި ސޫޓްކޭސްތަކުގައި ގާތްގަނޑަކަށް އެއް ލައްކަ ޑޮލަރު ހުންނާނެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ގެންދިޔަ ފައިސާކަން އެނގިފައިވާއިރު، އޭގެ ތެރޭގައި ޑޮލަރުގެ އިތުރުން ޔޫރޯ އާއި އެހެނިހެން ފައިސާވެސް ހިމެނޭކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ