ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފިއެވެ. އެހެންނަމަވެސް، މިއީ އޭގެ ކުރީ ނޮވެމްބަރު މަހާ އަޅާބަލާއިރު ނިސްބަތުން ދަށް އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު 32،859 މީހުން ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ޑިސެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 28،619 ކޭސްއެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރުވެސް، މިއަހަރުގެ މިހާތަނަށް ރޯގާޖެހިގެން ރިޕޯޓްކުރި އަދަދު ދަށްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
އާންމު ރޯގާގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓްކުރި އަދަދުވެސް ނިމިދިޔަ މަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ނޮވެމްބަރު މަހު 4102 މީހުން މި ބަލީގައި ޑޮކްޓަރަށް ދެއްކިއިރު، ޑިސެމްބަރު މަހު މި އަދަދު ވަނީ 2931 އަށް ވެއްޓިފައެވެ.
އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ޖެހުނު މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ކަންބޮޑުވާންޖެހޭ ކަމަކީ ޑެންގީ ހުމާއި އިންފްލުއެންޒާ ޖެހުނު މީހުންގެ އަދަދު ޑިސެމްބަރު މަހު އިތުރުވެފައި ވުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރު މަހު 382 މީހުންނަށް ޑެންގީ ޖެހުނުއިރު، ޑިސެމްބަރު މަހު މި އަދަދު ވަނީ 413 އަށް އިތުރުވެފައެވެ. ހަމައެއާއެކު، އިންފްލުއެންޒާއަށް ފައްސިވި މީހުންގެ އަދަދުވެސް ނޮވެމްބަރު މަހު 121 ގައި ހުރުމަށްފަހު، ޑިސެމްބަރު މަހު ވަނީ 152 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 4407 މީހުން އިންފްލުއެންޒާއަށް ޓެސްޓުކުރިއިރު، އޭގެ ތެރެއިން 1270 މީހުން ވަނީ ބައްޔަށް ފައްސިވެފައި ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ