އެމްޑަބްލިޔުއެސްސީގެ އަމާޒު ހުރީ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް: ސްޓްރެޓީޖިކް ފޯރަމް ބާއްވައިފި

އެމްޑަބްލިޔުއެސްސީގެ އަމާޒު ހުރީ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް: ސްޓްރެޓީޖިކް ފޯރަމް ބާއްވައިފި

Author
ހުސައިން
13 ޖެނުއަރީ 2026 05:06
0

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ އާ އަޒުމަކާއެކު، 2026 ވަނަ އަހަރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހާއްސަ ފޯރަމެއް ބާއްވައިފިއެވެ. "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026″ ގެ ނަމުގައި މީރުމާ ހޯލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ކުންފުނީގެ މުސްތަގުބަލުގެ މިސްރާބު ކަނޑައެޅުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

ކުންފުނީގެ އިސް ވެރިންނާއި، ބޯޑު މެމްބަރުން އަދި އެކި ޑިޕާޓްމަންޓްތަކުގެ ހެޑުން ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މި އަހަރަށް ކަނޑައަޅާފައިވާ ބިޒްނަސް ޕްލޭނަށެވެ. މިގޮތުން، ޕްލޭން ތަންފީޒުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް ކާމިޔާބީ ހޯދިދާނެ ގޮތްތަކާ މެދު ބައިވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ނިމިދިޔަ 2025 ވަނަ އަހަރު ކުންފުނިން ހާސިލްކުރި ލަނޑުދަނޑިތަކުގެ މުރާޖަޢާއެއް ވެސް މި ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔައެވެ. އަދި ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒުތަކަށް ވާސިލްވުމަށްޓަކައި ގެންގުޅެންޖެހޭ އުކުޅުތަކާއި، ނަތީޖާ ނެރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި މި އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ބިނާވެފައިވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމާއި، ފެނުގެ ހިދުމަތުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކުންފުންޏަށް ވަންނަ އާމްދަނީ އިތުރުކުރުމާއި، މުވައްޒަފުން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެއްމިންގަނޑެއްގައި ހިފެހެއްޓުމެވެ. މި އަމާޒުތަކުގެ އެންމެ ބޮޑު ބޭނުމަކީ ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބައްޓަންކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ރައްޔިތުންނަށް ފުރިހަމަ އަދި އިތުބާރު ހިފޭ ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި ފޯރަމްގެ ސަބަބުން ކުންފުނީގެ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެ، މަސައްކަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ގަބޫލުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.