ފަތުރުވެރިކަމުގެ އާ ރެކޯޑެއް: އެއް ދުވަހުން 9،500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް!

ފަތުރުވެރިކަމުގެ އާ ރެކޯޑެއް: އެއް ދުވަހުން 9،500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް!

Author
ޙަސަން މުޙައްމަދު
12 ޖެނުއަރީ 2026 09:43
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބި، މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ރެކޯޑު އިއްޔެ މުގުރާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެ އެކަނިވެސް ރާއްޖެއަށް 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މަހުގެ ތިންވަނަ ދުވަހު ރެކޯޑު ކުރެވުނު އަދަދުތަކަށްވުރެ މަތީ އަދަދަކަށްވާއިރު، އާންމު ގޮތެއްގައިވެސް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ފެށުންވެސް ފެންނަނީ ވަރަށް އުއްމީދީ ގޮތަކަށެވެ. އެގޮތުން އަހަރުގެ ފުރަތަމަ 11 ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު 79،004 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69،553 ފަތުރުވެރިންނާ އަޅާބަލާއިރު 13.6 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ނިމިދިޔަ އަހަރު ނިންމާލީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ގެނެވިގެންނެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، ހުސްވި ޑިސެމްބަރު މަހު އެކަނިވެސް 224،455 ފަތުރުވެރިން ޒިޔާރަތްކޮށް، އެ މަސް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން އައި މަހަށެވެ.

މިފަހަރުގެ ޓޫރިޒަމް ސީޒަނަކީ ކުރީ އަހަރުތަކާ ޚިލާފަށް ކާމިޔާބު ސީޒަނަކަށް ވާނެކަމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލްއިން ލަފާކުރެއެވެ. ފަތުރުވެރިން އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި، ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެން ދިއުމެވެ. އާ ޓާމިނަލާއެކު ސަރުކާރުގެ އަމާޒަކީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދިނުމެވެ. މި ބަދަލުތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް އިތުރަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.