ލަންކާ އިމިގްރޭޝަނަށް ސަފީރު ފާޑުވިދާޅުވެފައި ވަނިކޮށް ނަމާލް، ސަފީރު މަސްއޫދާ ބައްދަލުކުރައްވައިފި

ލަންކާ އިމިގްރޭޝަނަށް ސަފީރު ފާޑުވިދާޅުވެފައި ވަނިކޮށް ނަމާލް، ސަފީރު މަސްއޫދާ ބައްދަލުކުރައްވައިފި

Author
ހުސައިން
09 ޖެނުއަރީ 2026 08:17
0

ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ނުހަނު ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށް، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ ސަފީރާ ބައްދަލުކުރައްވައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ނިސްބަތްވެވަޑައިގަންނަވާ އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމަނުކުރެއްވި ނަމަވެސް، ނަމާލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަމާލް ވިދާޅުވީ ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ "ދެވަނަ ގެ" ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށްޓަކައި، ބިނާކުރަނިވި މަޝްވަރާތައް ކުރުން މުހިންމު ކަމަށާއި، ގުޅިގެން މަސައްކަތްކޮށްފިނަމަ ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ، ލަންކާގެ 'ޑެއިލީ ނިއުސް' އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު މަސްއޫދު އެ ގައުމުގެ އިމިގްރޭޝަންގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ސަފީރު ވިދާޅުވެފައިވާ ގޮތުގައި ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ތިބެން މަޖުބޫރުވެއެވެ. ނަމަވެސް، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާނަމަ އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން ފާހަގަކުރައްވައި، މިއީ އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބޭ ގޮތަށް ހިންގާ ކަމެއް ކަމަށް ބެލެވޭ ކަމަށް ސަފީރު ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން، މިކަން މިގޮތަށް ކުރިއަށްދާ ނަމަ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމުގެ އިންޒާރު ވެސް ސަފީރު ވަނީ ދެއްވާފައެވެ. ނަމަވެސް، ސަފީރެއްގެ މަގާމުގައި ހުންނަވައިގެން މިފަދަ މޭރުމަކުން ވާހަކަދެއްކެވީ ޑިޕްލޮމެސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މަސްއޫދުގެ ވާހަކަތައް ކުށްވެރިކޮށް ފާޑުކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.