ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމެއް ނަގަންޖެހުނަސް އީސީ އޮތީ ތައްޔާރަށް: ޒާހިދު

ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމެއް ނަގަންޖެހުނަސް އީސީ އޮތީ ތައްޔާރަށް: ޒާހިދު

Author
ޙަސަން މުޙައްމަދު
09 ޖެނުއަރީ 2026 10:22
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކުއެކީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނަގަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމުގެ ފުރިހަމަ ގާބިލުކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެބަހުރި ކަމަށް އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒާހިދު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ ގޮތުން އިންތިޚާބެއް ބޭއްވުމަށް ލާޒިމްކޮށްފި ކޮންމެ ހާލަތެއްގައި އެކަން ތަންފީޒުކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮތް ޒިންމާއެކެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބިލަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހިއްޖެނަމަ، ކައުންސިލް އިންތިޚާބުގެ ތެރޭގައިވެސް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އިޖުރާއަތްތައް ބަޔާންކުރައްވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ، މިފަދަ ވޯޓެއް ނެގޭނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ޤަރާރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ކަމަށެވެ. އަދި އެފަދަ ޤަރާރެއް ކޮމިޝަނަށް ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ވޯޓު ނަގަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވި ގޮތުގައި އެ މުއްދަތު ކައުންސިލް އިންތިޚާބާ ދިމާވި ނަމަވެސް، އިދާރީ ގޮތުންނާއި ފަންނީ ގޮތުން ވާންޖެހޭ ތައްޔާރީތައްވެ، އެ މަސައްކަތް ކުރުމަށް ކޮމިޝަނުން ފަސްނުޖެހޭނެއެވެ. އިންތިޚާބުތައް އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކުގައި މިހާރު ކުރިއަށްދާއިރު، އެ ބިލުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މިފަދަ ދަނޑިވަޅެއްގައި ޒާހިދު ދެއްވި ޔަގީންކަމަކީ، ޤާނޫނީ އިމުގެ ތެރެއިން އަންނަ ކޮންމެ ބަދަލަކާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން ފުރިހަމައަށް ތައްޔާރަށް އޮތްކަމެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ، ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމުގައި ކޮމިޝަނަށް އިތުރު "ޗޮއިސް" އެއް ނޯންނާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އިންތިޚާބުތައް ބާއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.