ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ އައިވީއެފް ކުއްޖާ އުފަންވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ އައިވީއެފް ކުއްޖާ އުފަންވެއްޖެ

Author
ހުސައިން
08 ޖެނުއަރީ 2026 09:45
0

ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުން އައިވީއެފްގެ ފަރުވާ ހޯދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެއެވެ. އިއްޔެގެ ވަގުތެއްގައި މި ކުއްޖާ އުފަންވެފައިވާއިރު، ދެމައިންގެ ޙާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މި ޚަބަރު ޙިއްސާކުރައްވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އައު އުއްމީދެއް ކަމަށެވެ. އަދި މި ތާރީޚީ ކާމިޔާބީ ހާސިލުކުރުމުގައި ބުރަކޮށް މަސައްކަތްކުރެއްވި ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި ހޮސްޕިޓަލުގެ އެހެން ޑިޕާޓްމަންޓްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ހުޅުވި މި ސެންޓަރުގެ ސަބަބުން، ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ކުރަންޖެހޭ ބޮޑު ހޭދައާއި އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އައިސްފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި އާސަންދައިގެ ދަށުން މި ޚިދުމަތް މުޅިން ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.