ގައްޒާގައި ހިންގާ އަނިޔާވެރިކަމަށް ދުނިޔޭގެ ސަމާލުކަންހޯދުމަށް ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް ރާއްޖެއަށް

ގައްޒާގައި ހިންގާ އަނިޔާވެރިކަމަށް ދުނިޔޭގެ ސަމާލުކަންހޯދުމަށް ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް ރާއްޖެއަށް

Author
ޙަސަން މުޙައްމަދު
06 ޖެނުއަރީ 2026 04:59
0

ގައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ހާލަތަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް ދަތުރުކުރާ ކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތަކީ ތިން ދުވަހުގެ ދަތުރެއްކަމަށްވާއި، މި މަހުގެ 6 އިން 8 އަށް ބާއްވާ މި ދަތުރުގައި ހަތަރު މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ. މި ވަފުދުގައި ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯ ހިމެނެއެވެ. އެމެންނަކީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.

ޒިޔާރަތުގެ ތެރެއިން ފްލޮޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި ގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރާނެކަމަށް ބުނެފައިވާއިރު، އެ ބައްދަލުވުންތަކުގައި ފްލޮޓިލާގެ މަގުސަދުތަކާއި، ކުރެވިފައިވާ ތަޖުރިބާތަކާއި ކުރިއަށް ހުރި ރޭވުންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.

އިންޓަނެޝަނަލް އެއިޑް ކެމްޕައިން (IAC) ބުނީ، މި ހަރަކާތަކީ ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އެކަމަށް ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރާ އުސޫލުތަކާ ގުޅޭ ހަރަކާތެއްކަމަށެވެ. އަދި މިދިޔަ އަހަރު ކުރި މަސައްކަތްތަކާއި، މިއަހަރުގެ ބަހާރު މޫސުމަށް ރޭވިފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ޒިޔާރަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ގައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަށް އަމާޒުކޮށް ކުރިޔަށްގެންދެވޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަގުވާމީ ހަރަކާތެއްކަމަށްވާއިރު، މި ހަރަކާތުން ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ހޯދައި، ގައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަހައްމު މަސައްކަތެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.