ކްރިމިނަލް ކޯޓުގެ ތަފާސްހިސާބު: މައްސަލަ ނިންމުމުގައި އެންމެ ކުރީގައި ގާޒީ އަލީ ނަދީމް

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބު: މައްސަލަ ނިންމުމުގައި އެންމެ ކުރީގައި ގާޒީ އަލީ ނަދީމް

Author
ހުސެއިން
05 ޖެނުއަރީ 2026 08:23
0

ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެއް އަހަރު ތެރޭ އެންމެ ގިނަ މައްސަލަ ނިންމި ގާޒީއަކީ ގާޒީ އަލީ ނަދީމްކަމަށް ފާހަގަ ވެއްޖެއެވެ. އޭނާ ވަނީ 302 މައްސަލަ ނިންމައިފައެވެ. މިއީ އެހެން ގާޒީންގެ މަސައްކަތާ އަޅާބަލާއިރު، ނިސްބަތުން ވަރަށް އިތުރު އަދަދެކެވެ.

އެ ކޯޓުގެ އެހެން ގާޒީން އެވްރެޖްކޮށް ނިންމާފައި ވަނީ 113 މައްސަލައެވެ. އެންމެ މަދު އަދަދަކަށް މައްސަލަ ނިންމީ މީގެ ކުރިން ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒު ރަޝީދުގެ 56 މައްސަލައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ވެސް އަލީ ނަދީމްގެ ރެކޯޑަކީ އެންމެ ރަނގަޅު ރެކޯޑެވެ. އޭނާގެ އަތުގައި 2025 އިން ފެށުނުއިރު ހުރި 29 މައްސަލައިގެ ތެރެއިން އަހަރު ނިމުނުއިރު ނުނިމި ހުރީ ދެ މައްސަލަ އެކަންޏެވެ.

2021 ވަނަ އަހަރު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އަލީ ނަދީމަކީ، ކުރިން ޕަބްލިކް ޕްރޮސިކިއުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ފަހުން ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކްރިމިނަލް ކޯޓުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު 1،062 މައްސަލަ ހުށަހަޅާފައިވާއިރު، ޖުމްލަ 1،380 މައްސަލަ ނިންމާފައިވެއެވެ. މިއީ 2023 ވަނަ އަހަރު ނިންމި 649 މައްސަލައާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އާ އިމާރާތަށް ބަދަލުވުމުގެ ކުރިން މަހަކު އެވްރެޖުކޮށް 72 މައްސަލަ ނިންމި ނަމަވެސް، އާ އިމާރާތަށް ބަދަލުވުމަށްފަހު މަހަކު އެވްރެޖުކޮށް 175 މައްސަލަ ނިންމަމުން އަންނަ ކަމަށް އެ ކޯޓުން ބުނެއެވެ. މި ރޭޓުން މަސައްކަތް ކުރިއަށްދާނަމަ، މި އަހަރު ނިމޭއިރު ދެ ހާހަށް ވުރެ ގިނަ މައްސަލަ ނިމޭނެ ކަމަށާއި، ބެކްލޮގުގައި ހުރި މައްސަލަތައް މި އަހަރު ތެރޭގައި ނިންމޭނެ ކަމަށް ކްރިމިނަލް ކޯޓުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.