މިދިޔަ ޖުލައި މަހު 28 ވަނަ ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އަށްމަހުގެ ޔޫނުސް ޙުސައިން އަބްދުﷲގެ މައްސަލައިގައި، އާއިލާއިން ކުރި ތުހުމަތުތަކަށް ޖަވާބު ދީ، އެ ހޮސްޕިޓަލުން މައާފަށް އެދިއްޖެއެވެ.
އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒައިބާ އަޙުމަދު ސޮއިކުރައްވައި އާއިލާއަށް ފޮނުވި ތިން ޞަފުހާގެ ސިޓީގައި ބުނެފައިވަނީ، ބަލި މީހާގެ ހާލަތާ ބެހޭ މައުލޫމާތު އާއިލާއާ ހިއްސާކުރުމުގައި މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެ ކަމަށެވެ. ޔޫނުސްގެ ބަލީގެ ސީރިއަސްކަން ދެނެގަތުން ލަސްވި ކަމަށް އާއިލާއިން ތުހުމަތު ކުރިއެވެ. އައިޖީއެމްއެޗުން ބުނީ، އާންމު ވައިރަލް ހުމެއްގައި ހުންނާނެ ފަދަ އަލާމާތްތައް ހުރުމުން، ބަލީގެ ސީރިއަސްކަން އަވަހަށް ދެނެގަތުން އުނދަގޫވި ކަމަށެވެ.
އެކަމަކު، ބަލި މީހުންގެ އަލާމާތްތަކަށް ބަލައި އިތުރަށް ޓެސްޓު ހަދައި ފަރުވާ އަވަސް ކުރުން މުހިންމު ކަމަށް އެ ސިޓީގައި ފާހަގަކުރިއެވެ. އަލްޓްރާސައުންޑް ސްކޭން ހެދުން ލަސްވި ތުހުމަތާ ގުޅޭގޮތުން، ސަރުކާރު ބަންދު ދުވަސްތަކެއް އައި ނަމަވެސް އެޑުމިޓުކޮށްފައިވާ ބަލި މީހެއްގެ ސްކޭން ލަސްނުވާނެ ކަމަށް ބުނެފައިވެއެވެ. ޔޫނުސްގެ ހާލަތު ދަށްވުމުން އާއިލާއިން ބޭރަށް ގެންދިޔުމަށް މަސައްކަތްކުރި ނަމަވެސް، ފުރުމުގެ އިންތިޒާމު ހަމަޖެހުނީ ޔޫނުސް މަރުވިތާ 10 މިނެޓު ފަހުންނެވެ.
ސިޓީގައި ބުނީ، އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އާއިލާތަކަށް ލިބޭ ތަކުލީފު ކުޑަކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް، އިންތިޒާމުތައް ރަނގަޅުކުރާނެ ކަމަށެވެ. ޔޫނުސް ހޮސްޕިޓަލުގައި ނިޔާވުމާ ގުޅިގެން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ