ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރުމަށް ފަތާފައި ގޮސް އަރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ދުވާފަރުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ ރ. މާކުރަތު، އަބްދުﷲ ހައްސާން (39)، ރ. ދުވާފަރު، އަބްދުﷲ ޝާއިފް (25) އަދި ރ. ދުވާފަރު، އިސްމާޢީލް މުހައްމަދު (21) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވެލިދޫއިން މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ދުވާފަރަށް ދިއުމަށްފަހު، ދެ މީހަކު ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފިޔަވައި ފަތާފައި ގޮސް ރަށަށް އަރަން އުޅުނު ވަގުތު ފުލުހުން އެ މީހުން ހައްޔަރު ކޮށްފައިވެ އެވެ. ފުލުހުން ފެނުމުން އެކަކު ފިލަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިން ނެވެ.
މި މައްސަލާގައި އަބްދުﷲ ހައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުންދެ އެވެ.
ކޮމެންޓު ފޮނުވާ