ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހެއްގެ މައްޗަށް ދައުވާ ސާބިތުވެ ޖަލު ހުކުމް އިއްވައިފިއެވެ. ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް ކުރީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެކެވެ.
އެ މައްސަލައިގައި ދައުވާކުރީ ރ. ކަނދޮޅުދޫ މިރިހިމާގެ އިސްމާޢީލް ވަޙީދާއި ރ. ކަނދޮޅުދޫ ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށެވެ. މި މައްސަލައިގައި ހުށަހެޅި 12 ދައުވާވެސް ކޯޓުން ވަނީ ސާބިތުކޮށް އަދަބު ކަނޑައަޅައިފައެވެ.
މުޙައްމަދު އަޞީލްގެ މައްޗަށް ވަނީ 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް ހިމެނެއެވެ. އިސްމާޢީލް ވަޙީދުގެ މައްޗަށް ކުރި ޖަލު ހުކުމްތަކުގެ ޖުމްލައަކީ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހެވެ. އޭނާގެ މައްޗަށް ކުޑަކުއްޖަކާމެދު އިހުމާލުވުމާއި އެކްސްޕްލޮއިޓޭޝަން ކުށް ރިޕޯޓް ނުކުރުމުގެ ދައުވާ ސާބިތުވިއެވެ.
ރާއްޖެއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެއް ނަމަވެސް، އެފަދަ މައްސަލަތައް ހިނގާ މިންވަރާ އަޅާބަލާއިރު ރިޕޯޓް ކުރުން މަދުވުމުގެ ކަންބޮޑުވުން އޮވެއެވެ. އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކުރުން އިތުރުވެފައިވާކަން ފާހަގަކޮށް، އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ހުށަހަޅަން ފުލުހުން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ