ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ހާލަތްތަކާ ކާރިސާތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސްއާ އެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާގައި، ފުލުހުންގެ ފަރާތުން ކޮމިޝަނަރު އިސްމާއިލް ނަވީން އަދި އެމްނެޓްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މި އެއްބަސްވުމުގައި އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ މުއައްސަސާއަކުން ކުރަންޖެހޭ މަސައްކަތްތަކާއި ޒިންމާތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއައްސަސާތަކާ ދެމެދު މުއާސަލާތީ ގުޅުން ހަރުދަނާކުރުމުގެ މަގު މި އެއްބަސްވުމުން ފަހިވެގެންދާނެއެވެ. ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ވީއައިއޭގެ މުހިންމުކަން ފާހަގަކޮށް، އެއަރޕޯޓުގެ ސަލާމަތަށް އެކި އިދާރާތަކާ އެކުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮމިޝަނަރު ނަވީން ވިދާޅުވީ މި އެއްބަސްވުމުން ފުލުހުންނާއި އެމްއޭސީއެލްއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، އެއަރޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ