ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 އަމާން އުދަރެސް ފްލެޓުގެ ތެރެއިން 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 3،879 ފަރާތަކާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށާއި، އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ހުރިހާ ފަރާތްތަކަށްވެސް ތަޅުދަނޑި ހަވާލުކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ފްލެޓްތަކުގެ މަސައްކަތް ލަސްވި ސަބަބު ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ ކުރީގެ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތް ހިމެނިފައި ނެތުމުން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ނިންމައި ފްލެޓްތައް ހަވާލުކުރުމުގެ މަރުހަލާ ބާރުމިނުގައި ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ