ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރި މައްސަލައިގައި ހޫދު މުހައްމަދު ޒާހިރަށް 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހައްޔަރުކުރި ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލައިގައި ފަސް ދައުވާ ކުރުމުން އެއިން ތިން ދައުވާ ސާބިތުވެފައިވެއެވެ. ހޫދު ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާގައި 15 އަހަރާއި، އައިއެސްއަށް ތާއީދުކުރުމުގެ ދައުވާގައި 5 އަހަރާއި، ޓެރަރިޒަމަށް ތާއީދުކުރާކަން ދޭހަވާ ލިޔުމާއި ފޮޓޯ ގެންގުޅުމުގެ ދައުވާގައި 3 އަހަރަށް ޖަލަށްލާން ކޯޓުން ކަނޑައަޅުއްވައިފައިވެއެވެ.
ތަފާތު ނަންނަމުގައި ސޯޝަލް މީޑިއާގައި އެކައުންޓްތައް ހަދައިގެން އައިއެސްއާ ގުޅުންހުރި އޮންލައިން ގްރޫޕްތަކުގައި ޕްރޮޕެގެންޑާ ފެތުރުމާއި، ލިޔުންތައް ތަރުޖަމާކޮށްދިނުމުގެ މަސައްކަތްތައް ހޫދު ކޮށްފައިވާކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެއެވެ. އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދެ ދައުވާ ސާބިތުނުވާކަމަށް ކޯޓުން ހުކުމްކުރިއެވެ.
ކޮމެންޓު ފޮނުވާ