ރާއްޖޭގައި އިސްލާމްދީނާ އިތުރު ދީންތައް އޮންނަން ފެނޭތޯ ބެލުމަށް ދިރާސާއެއް ހެދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެ ވާހަކަތައް ހަގީގަތާ ޚިލާފު ބުހުތާންތަކެއް ކަމަށް ބުނެ ވަނީ ދޮގުކޮށްފައެވެ.
ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ކޮމިޝަނާ މެދު ނުބައި ތުހުމަތުތައް ކުރުމުގެ ނިޔަތުގައި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އިސްލާމްދީނާ އިތުރު ދީންތައް ރާއްޖޭގައި އޮތުމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އުފެއްދައި، އެއްވެސް ދިރާސާއެއް ކޮމިޝަނުން ހަދާފައި ނުވާނެ ކަމުގެ ޔަގީންކަން އެޗްއާރުސީއެމް އިން ދީފައިވެއެވެ.
ކޮމިޝަނުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަން ކުރަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ އިންޓަނޭޝަނަލް މުއާހަދާތަކާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. ގާނޫނާއި ގަވާއިދަށް ޚިލާފު ކަންކަމަށް ހިތްވަރު ދިނުމަށް ނުވަތަ އެފަދަ ކަމެއް ހުއްދަކުރުމަށް ކޮމިޝަނުގެ މަސައްކަތްތަކުގައި ދަންނަވާފައި ނުވާނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ. ހުރިހާ ހާލަތެއްގައި އިސްކަން ދެނީ އިސްލާމީ ޝަރީއަތާއި ދިވެހި ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތަށް ކަމަށް އެޗްއާރުސީއެމް އިން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ