މިދިޔަ އޭޕްރީލް ހަތެއްގައި ފެށުނު ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފިއެވެ. ދަރިވަރުންނަށް ޑިސެމްބަރު މަހުގައި ބޮޑު ޗުއްޓީ ލިބުނީ ހަތަރު އަހަރަށްފަހުގައެވެ. މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދީފައިވެއެވެ.
ކުރީގެ ސަރުކާރުން އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފަށާގޮތަށް ހަދައި ބޮޑު ޗުއްޓީ ބަދަލުކުރުމުން ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މި ސަރުކާރުން އަލުން ޑިސެމްބަރަށް ބަދަލުކޮށްފައިވެއެވެ. އެކަޑަމިކް ކަލަންޑަރު ޕްލޭނުގައިވާ ގޮތުން ދަރިވަރުންނަށް މަހެއްހާ ދުވަހުގެ ޗުއްޓީއެއް ލިބިގެން، ކިޔެވުން ދެން ފެށޭނީ އަންނަ ޖެނުއަރީ 27 ގައެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ރާއްޖޭގެ ސްކޫލްތަކުގައި 84،000 އަށްވުރެ ގިނަ ކުދިން މި އަހަރު ކިޔަވައިފައިވެއެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެއެވެ. އަންނަ އަހަރުގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށްކަމަށް އެކަޑަމިކް ކަލަންޑަރުގައި ބުނެއެވެ.
ކޮމެންޓު ފޮނުވާ