ބާވެހަލާކުވާ އުޅަނދުތަކުގެ ޖޫރިމަނާ ހުއްޓަސް ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފި

ބާވެހަލާކުވާ އުޅަނދުތަކުގެ ޖޫރިމަނާ ހުއްޓަސް ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފި

Author
އަހުމަދު
23 ޑިސެމްބަރ 2025 10:29
0

ބާވެ ހަލާކުވެ ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލުގެނައުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އަންނަ ޖެނުއަރީ މަހުން ފެށިގެން ޖޫރިމަނާ ހުރި ނަމަވެސް އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފިއެވެ.

ހޯމަ ދުވަހު ކުރި އިއުލާނުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބާވެ ހަލާކުވެ ނައްތާލަން ބޭނުންވާ ހާލަތްތަކުގައި އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިންމައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ނިންމުމުގެ ދަށުން އެފަދަ އުޅަނދުތަކުގައި އަހަރީ ފީއާއި ޖޫރިމަނާތައް ހުރި ނަމަވެސް ރަޖިސްޓްރީ ބާތިލްކޮށްދޭނެއެވެ. ނަމަވެސް އެ އުޅަނދެއްގެ ނުދައްކާ ހުރި އަހަރީ ފީއާއި ޖޫރިމަނާއަކީ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ އެއްޗެއްކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރިއެވެ.

ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އުޅަނދުތައް މާލޭގެ އެކި މަގުތަކަށް ދޫކޮށްލާފައި ހުރުމުން މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކެއް ކުރިމަތިވެއެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު ވެސް އިދާރާތަކުން ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް މަގުތަކުން ނަގަމުންދާއިރު، އަމިއްލައަށް އެދިގެން އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.