ފުލުހުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ސިގްރެޓް ހޯދައި، ދެ މީހަކު ޖޫރިމަނާކޮށްފިއެވެ. ފުލުހުން ބުނީ މި ދެގެ ބަލާ ފާސްކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ކަމުގައެވެ.
އެ އޮޕަރޭޝަންގައި 442 ވޭޕް ކާޓްރިޖްގެ އިތުރުން ދެ ކާޓަން ސިގްރެޓާއި ޝީޝާ ޕަފްއާއި ވޭޕް ގުޅުންހުރި އެހެނިހެން ތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ނަމަވެސް ހައްޔަރުކުރެވުނު މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ގެންދާ ހަރަކާތުގެ ތެރެއިން ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން ވެސް ޑިސެންބަރު މަހު މަނާކުރުމާ އެކު، އެ ތަކެތި އެތެރެކުރުމާއި ވިއްކުމަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅައިފައެވެ. ވޭޕް އެތެރެކުރާ މީހަކަށް 50،000 ރުފިޔާގެ ޖޫރިމަނާއާ އިތުރަށް ކޮންމެ އާލަތަކަށް 10،000 ރުފިޔާގެ ޖޫރިމަނާވެސް ކުރަން ޖެހެއެވެ.
ވޭޕް މަނާކުރި ފަހުން، ވަގަށް އެތެރެކުރާ ސިގްރެޓާއި ވޭޕްގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ކަސްޓަމްސްއިން 2.7 މިލިއަން ރުފިޔާގެ އަގުހުރި ވޭޕްގެ ބޮޑު ޝިޕްމެންޓެއް ވަނީ ހިފަހައްޓައިފައެވެ. ފުލުހުންނާއި ކަސްޓަމްސް އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ