މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ނަމުގައި މަކަރުވެރިކަމުން 150،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޯދި މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ނޮވެންބަރު 30 ގައި ފުލުހަށް ހުށަހެޅި މި މައްސަލައިގައި، ހެކްކުރި ވައިބާ އެކައުންޓުން އެކި މީހުންނާ ވާހަކަދައްކައި، އެކި ފަހަރު މަތިން މަކަރާއި ހީލަތުން 150،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެއިން 75،000 ރުފިޔާ ނަގައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާގެ އަޙްމަދު ޙައްސާން، ނ. މަނަދޫގެ ޙުސައިން ސަމާޙު އަދި ހމ.ފްލެޓް 06-2-39 ގެ ޙަސަން އަޒުރާޙު އެވެ. މިހާރު ހައްޔަރުކޮށްފައިވާ ހމ. ފަރުމާވިލާގެ ޙުސައިން ފާރިޝް ޢުމަރު، ކޯޓުގައި ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި ސްކޭމްގެ 39 މައްސަލަ ފުލުހަށް ހުށަހަޅައިފައިވާއިރު، އެ މައްސަލަތަކުގައި 395،319.57 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއިން 169،979.50 ރުފިޔާ ހޯދައިދެވިފައިވާއިރު، އޮންލައިން ވިޔަފާރީގެ ނަމުގައި އަދި މީހުން އޮޅުވާލައިގެން ކުރާ ސްކޭމްތަކެވެ.
ކޮމެންޓު ފޮނުވާ