ކުށްވެރި ފުލުހުންނަށް ހިދުމަތުގައި ޖާގައެއް ނެތް: ސީޕީ

ކުށްވެރި ފުލުހުންނަށް ހިދުމަތުގައި ޖާގައެއް ނެތް: ސީޕީ

Author
ޙަސަން މުޙައްމަދު
22 ޑިސެމްބަރ 2025 09:25
0

ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފުލުހުންނަށް އެ ހިދުމަތުގައި ޖާގައެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މަސްތުވާތަކެތި ތ. ވަންދޫއަށް އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކުރުމާ ގުޅިގެން ދެއްވި ބަޔާނުގައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ، ތ. ހިރިލަންދޫ، މުހައްމަދު ނަވާޒް، 25 އަހަރެވެ. ނަވާޒް އަތުގައި އޮތް ބެގެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ފަސް ޕެކެޓް ފެނިފައިވާއިރު، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ.

2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ނަވާޒް މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. މި މައްސަލައާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ސީޕީ ނަވީން ވިދާޅުވީ މިފަދަ ޖިނާއީ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ މުވައްޒަފުންނަށް ފުލުހުންގެ ހިދުމަތުގައި އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.