ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ އެމްއެންއޭސީއައިން ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި އިމާރާތްކުރުމުގެ ދާއިރާގެ އެންމެ ޝަރަފުވެރި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ބައިސަންގެ ވެރިޔާ އަބްދުލް މަޖީދަށް ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ރިސޯޓް ކޮންސްޓްރަކްޝަންގައި ފުންނާބުއުސް ދައުރެއް އަދާކުރައްވަމުން ގެންދަވާ އަބްދުލް މަޖީދަށް މި އެވޯޑު އަރުވާފައިވަނީ އެ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ކުރައްވާފައިވާ ހިދުމަތަށް އަގުވަޒަންކޮށްފަ އެވެ. އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާއި އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު ބައިވެރިވެވަޑައިގެން ބޭއްވި މި ހަފުލާގައި އިމާރާތްކުރުމުގެ ދާއިރާގެ އެންމެ މޮޅު އަންހެން ލީޑަރުގެ ޝަރަފުވެރި އެވޯޑު ލިބިލައްވާފައިވަނީ އިންސައިޑް ޕްލަސްގެ ކޯ-ފައުންޑަރު ތަޒީން ޝަރީފް އަށެވެ.
ދެ އަހަރުން އެއްފަހަރު ދޭ އެމްއެންއޭސީއައި ބިލްޑާ އެވޯޑް 2025 ގައި 19 ކެޓަގަރީއަކުން އެވޯޑު ދީފައިވާއިރު، އަހަރުގެ އެންމެ މޮޅު ކޮންޓްރެކްޓަރުގެ އެވޯޑު ލިބިފައިވަނީ ރެއިންބޯ ޕްރައިވެޓް ލިމިޓެޑަށެވެ. އަހަރުގެ އެންމެ މޮޅު ރިސޯޓް ކޮންޓްރެކްޓަރުގެ ވަނަ ހޯދީ އަލިއާ ކޮންސްޓްރަކްޝަނުންނެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެމްއެންއޭސީއައިގެ ރައީސްގެ ހާއްސަ އެވޯޑުތައް ވަނީ އަރުވާފަ އެވެ. ކޮންސްޓްރަކްޝަން ސިނާއަތަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސީޑީސީ ކޮންސެލްޓެންސީގެ ޑިރެކްޓަރު ޑރ. އަހުމަދު ސާއިގު އާއި ދަ މިރާގެ ބިޒްނަސް އެޑިޓަރު މުހައްމަދު އަފްރާހަށް ހާއްސަ ސެޓްފިކެޓްތައް ވެސް ދީފައިވެ އެވެ.
ކޮމެންޓު ފޮނުވާ