އަތޮޅުތެރޭގެ 57 ރަށެއްގައި 4،100 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނު މިއަދު ބާތިލްކޮށްފިއެވެ. މި އަހަރުގެ މޭމަހުގައި ޕްރީކޮލިފިކޭޝަންއަށް ހުށަހަޅަން އިއުލާންކުރި މި މަޝްރޫއު ބާތިލްކުރީ ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނަކުންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގިނަ ރަށްރަށުގައި ހައުސިން ޔުނިޓު ތަރައްގީކުރުމަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ކޮލިފިކޭޝަން ކްރައިޓީރިއާ ހަމަނުވުމުން އިއުލާނު ބާތިލްކުރަން ނިންމީ ކަމަށް މިނިސްޓްރީން ބުންޏެވެ. ކޮލިފިކޭޝަން ކްރައިޓީރިއާ އަލުން ރިވިއު ކުރުމަށްފަހު، 2026ވަނަ އަހަރު ސަރުކާރުން ކަނޑައަޅާ ރަށްރަށުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ސަރުކާރުން މި އަހަރުގެ ބަޖެޓު ސިފަކުރީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ގެދޮރުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތްވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ މަހުގެ 27އާ ހަމައަށް ހޭދަކޮށްފައިވަނީ 183.9 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުކުރި އަދަދުގެ 10 ޕަސެންޓް އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އަހަރު ހޭދަކޮށްފައިވަނީ 74.8 ޕަސެންޓް ދަށް އަދަދެކެވެ. އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ބަޖެޓްގެ ބޮޑު ބައެއް އޮތީ ބޭނުން ނުކޮށް ކަން ފިނޭންސްގެ ހިސާބުތަކުން އެނގެއެވެ.
ކޮމެންޓު ފޮނުވާ