4000 ފްލެޓް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ޑައުންޕޭމަންޓް ކަނޑާލެވޭތޯ މަޝްވަރާކުރައްވައި ގޮތެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްފިއެވެ.
ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓާ ގުޅިގެން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އެގޮތުން ޑައުންޕޭމަންޓް އެއްކޮށް ކަނޑާލާނީތޯ ނުވަތަ ބައިބަޔަށް ބަހާލާނީތޯ މަޝްވަރާކުރައްވައި ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25،000 ރުފިޔާއެވެ. ފްލެޓްގެ ތަޅުދަނޑިތައް ދޫކުރާނީ މި ފައިސާ އެއްކޮށް ދެއްކުމުންކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ، ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދަށް ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލު ބަލައި، އެކަން ފަހިކޮށްދެއްވާނެކަމަށެވެ.
4000 ފްލެޓް މި މަހު ނިމުމުގެ ކުރިން އެތަންތަނަށް ވައްދާނެކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި ލިބުނު މީހުންނަށް ތަޅުދަނޑިތައް ހަވާލުކޮށް ނިންމާނެކަމަށްވެސް ރައީސް ރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ