ބޭރުގެ ކުންފުނިތަކާ ދޮގު ހަދައި 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި ހުސައިންގެ ޝިފާއުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ނިންމެވީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވާ ކަމަށެވެ. ދައުލަތުން އެދުނީ ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް އިއްވުމަށެވެ.
މި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކުރި ނަމަވެސް ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ގޮސްފައި ވެއެވެ. އެއަށްފަހު އިންޓަޕޯލްގެ ރެޑް ނޯޓިސް މެދުވެރިކޮށް އޭނާ އަލުން ހައްޔަރުކުރިއެވެ. ގާޒީ ވިދާޅުވީ ޝިފާއު ލޯންޑާކުރި ފައިސާ ހުރި ތަނެއް ބުނެދެވޭ ގޮތެއް ނެތުމުން އެ ފައިސާ ދައުލަތަށް ނެގުމަށް އަމުރެއް ނުކުރެވޭނެ ކަމަށެވެ. އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާއިރު، ޝިފާއުގެ ވަކީލް ދެ އަޑުއެހުމަކަށް ހާޒިރު ނުވުމުން އެކަމާ ގުޅޭ ފިޔަވަޅުތައް އަޅަން ކޯޓުން ނިންމައިފިއެވެ.
މިހާރު ޝިފާއު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ