ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސިންގަޕޯގެ ގައުމީ އެއާލައިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. މި ހިދުމަތް ފެށުން ފާހަގަކުރުމަށްޓަކައި ޓާމިނަލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ސިންގަޕޯ އެއާލައިންސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. ޓާމިނަލް 1 އަށް ކައިރިކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް، 432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިދީފައިވެއެވެ.
ޓާމިނަލް 1 އަށް ކައިރިކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ ފްލައިޓެކެވެ. މިއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރުވެސްމެއެވެ. ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 1984 ވަނަ އަހަރުގެ މާރިޗް 28 ގައެވެ. އެމްއޭސީއެލް އިން ބުނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފެންވަރުގެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ