ހޭޒްގެ ސަބަބުން މިދިޔަ ހަފުތާއިން ފެށިގެން މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވި ނަމަވެސް، މިހާރު މަޑުމަޑުން ވައި ސާފުވަމުން އަންނަކަން ދައްކައިފިއެވެ. ވައިގެ ސާފުމިންވަރު ދައްކައިދޭ އައިކިއު އެއާގެ ރީޑިންއަށް ބަލާއިރު، މީގެ ދެ ދުވަސް ކުރިން މާލޭގައި ޔޫއެސް އައިކިއު ހުރީ 108ގައި ކަމަށާއި، އެއީ ނުރައްކަލުގެ އޮރެންޖު ސަމާލު ކަމަށް ވާއިރު، ވިލިމާލޭގައި އެ އަދަދު 151ގައި ހުރި ކަމަށް ވެއެވެ. އެއީ ނުރައްކަލުގެ ރަތް ސަމާލެވެ.
ނަމަވެސް ވައި ސާފުވަމުން ދިއުމާއެކު މިހާރު އެ އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިހާރު މާލޭގައި އެ މިންވަރު ހުރީ 77ގައި ކަމަށާއި، އެއީ އާދައިގެ ނުވަތަ އާންމު މިންވަރު ކަމަށް ވާއިރު، ވިލިމާލޭގައި އެ އަދަދު 112ގައި ހުރިކަމަށް ދައްކައެވެ. އެހެންކަމުން ރަތް ސަމާލުން، އޮރެންޖު ސަމާލަށް ވަނީ ދަށްވެފައެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ވައި ހުރީ އާންމު މިންވަރަށް ސާފުވެފައެވެ. މި ވަގުތު އެންމެ ވައި ސާފީ ރާއްޖޭގެ އެންމެ ދެކުނަށެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ ހޭޒްގެ ސަބަބުންނެވެ. ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެއް ކަމަށް ވާއިރު، ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވާކަން ފާހަގަކުރެވެއެވެ. މެޓުން މީގެކުރިން ވިދާޅުވެފައިވަނީ މި ހަފުތާ ނިމޭއިރު ވެސް ހޭޒްގެ އަސަރު ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްކޮށް ފިލާނެ ކަމަށް ނުބެލެވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ނާޒުކު ހާލަތުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ