އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.
މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ޒަމްއަތު އަހްމަދު ވަހީދު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޔޫތު މިނިސްޓްރީއާ ގުޅިގެން އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ދިޔަ މިންވަރާއި އިތުރު ތަފްސީލެއް ނުދެއްވައެވެ.
18 މީޑިއާއަކަށް ޖުމްލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ލިސްޓުގައި އެންމެ ގިނަ ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާއާއި ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައިފައި ވެއެވެ.
މީޑިއާތަކުގެ ލިސްޓު އާންމުކުރުމާ ގުޅިގެން ބައެއް މީޑިއާތަކުންނާއި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެ ނިންމުން ޔޫތު މިނިސްޓްރީން ބާތިލްކުރީ އެއަށްފަހު ދުވަހުއެވެ. ފައިސާ ބަހާލި ގޮތުގެ މައްޗަށް ފާޑުކިޔުންތައް އެ އަމާޒުވީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލައި ލިސްޓު އެކުލަވާލާފައިވުމުން ކަމަށާއި، މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ކުރާ މަސައްކަތަށް ބަލާފައި ނުވާ ކަމަށް ބުނެއެވެ. އޭގެ ފަހުން އެ މަސައްކަތް ހަވާލުކުރީ މި ސަރުކާރުގައި އާކޮށް އުފައްދާފައިވާ މީޑިއާ ކޮމިޝަނަށެވެ.
ކޮމެންޓު ފޮނުވާ